ޚަބަރު ރާއްޖެ

އެއްބަސްވުމާ ހިލާފުވެ، ކުއްޔަށްދޭ ފްލެޓުތައް އަތުލަނީ

އެއްބަސްވުމާ ހިލާފުވެ، ކުއްޔަށްދޭ ފްލެޓުތައް އަތުލަން ނިންމާފައިވާކަމަށާއި އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ހުޅުމާލޭގައި އެފްޑީސީން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިއުލާންކުރަމުންދާ ދަނޑިވަޅެއްގައެވެ.

 

މިނިސްޓަރު ވިދާޅުވީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަންކަމަށެވެ. އަދި ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް ވެސް އަދި އެހެން ބޭނުމަކަށް ވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫންކަމަށެވެ.

 

"އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފަ."

 

މީގެއިތުރުން ހައުސިންގގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

ފަހި ދިރިއުޅުމުން ދޫކުރި ފްލެޓްތައް ކުއްޔަށް ދޫކުރަން ޖަހާފައިވާއިރު، ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތައް ވެސް ދަނީ ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންނެވެ. ހިޔާގެ ކުއްޔަށް މެއިންޓެނަންސް އާއެކު މިހާރު ދައްކަން ޖެހޭ މިންވަރު 4984 ރުފިޔާ އަށް ކުޑަކޮށްފައިވާއިރު، އެތަންތަން 15،000 ރުފިޔާއާއި 18،000 ރުފިޔާ އަށް ވެސް ކުއްޔަށް ދަނީ ކުއްޔަށްދޫކުރަމުންނެވެ.

 


  • ގެދޮރުވެރިޔާ ސްކީމު
  • ހައުސިންގ މިނިސްޓްރީ
  • ކޮންސްޓްރަކްޝަން މިނިސްޓްރީ
  • ހިޔާ ފްލެޓު
  • ކޮމެންޓް