މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް ހިންގި 4 ކޯހަކަށް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މާފުށީ ޖަލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.
ދަސްވެނިން ސެޓްފިކެޓް ހާސިލްކޮށްފައިވަނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި ސެޓްފިކެޓް 1 އިން ސްޓާރޓިންގ އެގްރިކަލްޗަރ ކޯހާއި ސެޓްފިކެޓް 1 އިން ހައުސްވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އައިލެންޑް އިންސްޓިޓިއުޓް ފޮރ ޓަރޝަރީ އެޑިއުކޭޝަން (އައިއައިޓީއީ) އާ ގުޅިގެން ހިންގި ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އޭ.ސީ. މެއިޓަނަންސް ކޯހާއި ސެޓްފިކެޓް 3 އިން އިލެކްޓްރިކް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުންނެވެ.
21 ފިރިހެން ގައިދީންނާއި އަންހެން ދެ ގައިދީންނާއެކު، ޖުމްލަ 23 ގައިދީން ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު، މީގެތެރެއިން ދެ ގައިދީއަކު ވަނީ ދެ ކޯސް ފުރިހަމަކޮށްފައެވެ. މި ރަސްމިއްޔާތުގައި މި ކޯސްތަކުން ހަޔަރ ޑިސްޓިންކްޝަން ހޯދި ފަރާތްތަކަށް ވަނީ މެޑަލް، ޓްރޮފީ އަދި ގިފްޓް ޕެކް ވެސް ހަވާލުކޮށްފައެވެ.
ގައިދީންނަށް މިފަދަ ކޯސްތައް ހިންގުމުގެ މަގުސަދަކީ ގައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން، އެފަރާތްތައް ޖަލުގައި ހޭދަ ކުރާ ދުވަސްތަކަކީ ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި ކުށްކުރުމުން ދުރުހެލިކޮށް، ގައިދީން އަނބުރާ މުޖުތަމައަށް ނިކުމެ އާމްދަނީއެއް ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދީ، މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމެވެ.