ދިރާގުގެ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުން ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ހާއްސަ ހަފްލާ ބާއްވައިފިއެވެ.
މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
މި ހާއްސަ އިވެންޓުގައި ހޯމް މިނިސްޓަރ ޢަލީ އިހުސާންއާއި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް އަދި ސަރުކާރުގެ އިސް ވެރިންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި އެހެނިހެން ހާއްސަ ފަރާތްތައް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑާއި ސީނިއަރ މެނޭޖްމަންޓާއި މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ކާމިޔާބީއާއެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފައެވެ. މިއީ ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެކެވެ.
މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލްގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތައް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެއެވެ. އަދި މިއީ ސަރުކާރުން ދިވެހިރާއްޖެ "ސްމާޓް ނޭޝަން" އެއްގެ ގޮތުގައި ގާއިމުކުރުމާއި މުޅި ރާއްޖޭގައި އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް ވެސް މެއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހޯމް މިނިސްޓަރު ވިދާޅުވީ ހަގީގީ ދިވެހިރާއްޖޭގެ ގުޅުން ގާއިމްކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިވެހިރާއްޖޭގެ ގުޅުން ދިރާގު ކަމަށެވެ. އަދި މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމާ، މިފަހުރު ދިވެހިރާއްޖެއަށް ހޯދައިދިން ކުންފުންޏަކީ ވެސް ދިރާގު ކަމަށެވެ.
"ދިރާގުން ހާސިލްކުރި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަމުގައި، އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ދިރާގަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން."
ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު ވިދާޅުވީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑް ހިދުމަތް ދީ ނިންމާލައިފައި މިވަނީ އެކަމަށް ދުރާލާ ޕްލޭންކޮށް ގިނަ އިންވެސްޓްމެންޓްތަކަކާއެކު ގިނަ މަޝްރޫއުތަކެއް ހިންގައިގެން ކަމަށެވެ. މީގެތެރޭގައި ބޭރު ގައުމުތަކާއި ރާއްޖެއާއި ދެމެދުވާ ގުޅުން، ވަރުގަދަކުރުމަށް ހިންގި ސަބްމެރީން ކޭބަލް ޕްރޮޖެކްތަކާއި ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ދިރާގުން އަޅައިފައިވާ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތައް ފާހަގަކުރެއްވިއެވެ. އަދި މައި ނެޓްވަރކްގެ ކެޕޭސިޓީ އާއި ފެންވަރު ރަގަޅުކުރުމަށް ހިންގި ޕްރޮޖެކްޓްތަކާއި މީހުން އުޅޭ ރަށްތަކުގައި ފައިބަރ ނެޓްވަރކް އެޅުމަށް ފޭސްތަކަކަށް ބަހައިލައިގެން ހިންގި ޕްރޮޖެކްޓްތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މި ތަސައްވަރު ހަގީގަތަކަށް ހެދުމަށް ދިރާގުގެ މުވައްޒަފުން، ޕާޓްނަރުން އަދި ސްޓޭކްހޯލްޑަރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުދަންނަވަން."
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދެމުންނެވެ.