މިއަހަރުގެ ސެޕްޓެމްބަރ މަހު މީރާއިން 3.01 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އިދާރާ އިން ހާމަކޮށްފިއެވެ.
މީރާގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި ސެޕްޓެންބަރު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ މަހު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ. އަދި ރިޒޯޓުތަކުގެ ކުއްޔާއި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވުމެވެ.
އޮގަސްޓު 2024 އާ އަޅައިބަލާއިރު އޮގަސްޓު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 9 އިންސައްތަ އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި މިއަހަރުގެ ޖަނަވަރީ 1 ން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީ ވެސް މިއަހަރުގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 40.5 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިންއެވެ. އެއީ 16.9 އިންސައްތައެވެ.
މީގެއިތުރުން ރިޒޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 404 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204.3 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 199.1 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ.
ސެޕްޓެމްބަރ 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 150.25 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.