ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މަގާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަހީދު މަގާމުން ވަކިކޮށްފިއެވެ.
ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް އިތުބާރުހުރި މަސްދަރަކުން އެ މައުލޫމާތު ވަނީ 'އޮއިވަރު' އަށް ޔަގީންވެފައެވެ.
އޭނާ މަގާމުން ވަކިކޮށްފައި މިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށާފައިވަނިކޮށްނެވެ.
ފުލުހުން ވިދާޅުވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރުގެންދަވަނީ ތަހުގީގު ކުރައްވަމުން ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން މި މާރޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި، ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ މިންވަރަކުން އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.
ޝަމްޢާނަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް، ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަސައްކަތް ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ސަބަބުން، ގިނަ ދިވެހި ރައްޔިތުންތަކެއްގެ އިތުބާރު ހޯދާފައިވާ ފަރާތެކެވެ.