ޚަބަރު

ސްޓޭޓް މިނިސްޓަރ ފެންވަރުގައި އިމިގްރޭޝަންގެ ވެރިޔަކަށް ރިޓައަރޑް ފަސީހު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، މ. ދިއްގަލި، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އައްޔަންކުރައްވައިފިއެވެ.

 

ފަސީހް އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މާރޗު 20 ވަނަ ދުވަހުގެ ރެއެވެ.

 

ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ.

 

މީގެއިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގިނަ ދުވަހު ހިދުމަތް ކުރައްވައި އަދި ޕޮލިސް ބޯޑުގައި ވެސް ވަނީ ގިނަ މަސައްކަތްކުރައްވާފައެވެ.

 

ފަސީހު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް އައްޔަންކުރައްވާފައި މިވަނީ އެ މަގާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަހީދު ވަކިކުރެއްވުމަށްފަހުއެވެ. ޝަމްއާން މަގާމުން ވަކިކުރެއްވީ މާރޗު 20 ވަނަ ދުވަހުގެ ރެއެވެ.

 

އޭނާ މަގާމުން ވަކިކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށާފައިވަނިކޮށްނެވެ.

 

ފުލުހުން ވިދާޅުވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރުގެންދަވަނީ ތަހުގީގު ކުރައްވަމުން ކަމަށެވެ.

 

މި މައްސަލަ އާ ގުޅިގެން މި މާރޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި، ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ މިންވަރަކުން އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

 

ޝަމްޢާނަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް، ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަސައްކަތް ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ސަބަބުން، ގިނަ ދިވެހި ރައްޔިތުންތަކެއްގެ އިތުބާރު ހޯދާފައިވާ ފަރާތެކެވެ.

 


  • އިމިގްރޭޝަން
  • ކޮމެންޓް