ޚަބަރު

މިއަހަރުގެ ފިތުރު އީދުގައި ވެސް ކުލަގަަދަ ހަރަކާތްތަކެއް

މިއަހަރުގެ ފިތުރު އީދުގައި ވެސް ކުލަގަަދަ ހަރަކާތްތަކެއް މާލެސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމާ، ފަހުމުނާމައިގާ ސޮއިކޮށްފިއެވެ.

 

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި އަހަރުގެ ފިތުރު އީދުގެ ކުޅިވަރުތައް ''ސާދަ އެންޓަރޓައިމަންޓް'' އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާ، އެކަމުގެ ފަހުމުނާމައިގާ ދެފަރާތުން ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ މޭޔަރ އާދަމް ޢާޒިމް ކަމަށާއި ''ސާދަ އެންޓަޓައިމަންޓު''ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޖަޒުލާން ޝަރީފް ކަމަށް ވަނީ ވިދާޅުވެފައެެވެ.

 

އެ ކައުންސިލުން ވިދާޅުވީ އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހަވީރު 4 ޖަހާއިރު، ބޮޑު މަހުގެ ކުޅިވަރުތަކުން ކަމަށާއި މި ކުޅިވަރު ފަށާނީ ރަސްފަނުން ކަމަށެވެ. އަދި މި ކުޅިވަރު މަޖީދީ މަގުން ގޮސް ނިންމާނީ އާޓީފިޝަލް ބީޗަށް ކަަމަށް ވެސް  ވިދާޅުވެއެވެ.

 

މީގެއިތުރުން އީދު ބަންދު ތިން ދުވަހު، އާޓިފިޝަލް ބީޗްގައި ވެސް ސަގާފީ ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށާއި އެ ތިން ދުވަހުގެ ހަވީރާއި ރޭގަނޑު ވެސް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ހާމަކުރައްވައެވެ.

 

މި ފެސްޓިވަލްގައި ސަގާފީ ބައެއް ކުޅިވަރުތައް ކަމަށްވާ ބަޑިއާ ޖެހުމާއި ތާރަޖެހުން އަދި ބޮޑުބެރު ޖެހުން ފަދަ ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާ، އެފަރާތްތަކަށް ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ކުޑަ ކުދިންގެ ހަވީރަކާއި މިއުޒިކް ޝޯވއެއް ވެސް އީދުގެ ބަންދު ދުވަސްތަކުގައި އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

 


  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް