ރިވެތި އަހްލާގުގެ އެންމެ މަތިވެރި އެއް ދަރަޖައަކީ މުޖުތަމައުގައި އޮންނަ އަޚުވަންތަކަމާއި އެއްބައިވަންތަކަން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މިހަފްތާގެ އިހްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
"ޤުރުއާނާއި އިޖުތިމާޢީ އަޚުލާޤިއްޔަތު" މި މައުޟޫއަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ އިސްލާމްދީނުގައި އެއްބައިވަންތަކަމަށް އިސްކަންދޭ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އިސްލާމްދީނުގެ މުހިއްމު ހުރިހާ އަޅުކަމެއް ތަރުތީބުކުރައްވާފައިވާ ގޮތަށް ބަލާއިރު، ފެންނަން އޮތީ މުސްލިމުންގެ ޖަމާއަތުގެ ގުޅުން ބަދަހިކުރެއްވުމަށް މާތްﷲ އެދިވޮޑިގަންނަވާ މިންވަރުކަން ފާހަގަކުރެއްވިއެވެ. އަދި މާތް ނަބިއްޔާގެ ޝަހްސިއްޔަތުގެ އައިޑެންޓީޓީއަކީ ރިވެތި އަހްލާގުކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މުސްލިމުން އެއްބައިވަންތަކަމުގައި ދެމިތިބިހާ ދުވަހަކު މުސްލިމުންގެ ސަފުތައް ފޫއަޅުވާލުމަކީ ވާނެކަމެއް ނޫންކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު ދީނުގެ ތަނބުކަމުގައިވާ ނަމާދަށް ބަލާއިރު، އެކަނިކުރާ ނަމާދަށްވުރެ، ޖަމާއަތުގައިކުރާ ނަމާދުގެ ދަރަޖަ 27 ގުނަ އިތުރުކުރައްވާފައިވ ާކަމަށާއި އެއަށްފަހު މުސްލިމުން ހަފްތާއަކު އެއްފަހަރު އެއަށްވުރެ ބޮޑު ޖަމާއަތަކުން ހުކުރު ދުވަހު ބައްދަލުކުރާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އަހަރަކު ދެފަހަރު މުސްލިމުންގެ ބޮޑު ދެ އީދުގައި ޖަމާއަތުގައި އެއަށްވުރެ ބޮޑު ޖަމާއަތަކުން ބައްދަލުވާއިރު، މުޅި އިސްލާމީ އުއްމަތުގެ އެކި ކަންކޮޅުތަކުން އަހަރަކު އެއްފަހަރު ހައްޖުގެ މަތިވެރި ޖަމާއަތުން މުސްލިމުން ބައްދަލުވާނެ ގޮތަށް އަޅުކަން ތަރުތީބުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއިން ދައްކުވައިދެނީ މުސްލިމުންގެ ޖަމާއަތުގެ ބަދަހިކަން މާތްﷲ އެދިވޮޑިގަންނަވާ މިންވަރުކަމަށެވެ. އަދި ދީނުގެ އެހެން މުހިންމު އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ރޯދައައި ޒަކާތާއި ހައްޖުން ވެސް ފެންނަ ހަގީގަތަކީ އިސްލާމީ އުއްމަތުގައި ފަގީރުކަމާއި ފާގަތިކަމާއި ދެމެދު އޮތް ފަރަގުކުޑަކޮށް އިޖުތިމާއީ އަހްލާގިއްޔަތަށް އިސްކަންދެއްވާފައިވާ މިންވަރުކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.