ހައްޖުވެރީންނަށް ރައީސް ދެއްވީ އުފާވެރި ޚަބަރެއް

މިއަހަރު ހައްޖަށް ދިއުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ކަނޑައަޅާފައިތިބި ހުރިހާ އެންމެންނަށް ހައްޖަށް ދެވޭނެކަމުގެ އުފާވެރި ޚަބަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

 

މީސްމީޑިއާގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވަނީ 2025 ގައި ހައްޖަށް ދެވޭނެކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ވެސް ވަނީ ފާހަަގަކުރައްވާފައެވެ.

 

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ހައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ މިދިޔަ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ. ރައީސްގެ މި ނިންމެވުމާ އެއްގޮތަށް ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު އިސްލާހުކޮށް މިމަހުގެ 18 ވަނަ ދުވަހު ވަނީ އާންމު ވެސް ކޮށްފައެވެ.

 

މި އުސޫލުގައި އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމަށާއި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅަން ޖެހޭނެކަމަށް ވަނީ ނިންމާފައެވެ.

 

މީގެއިތުރުން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުސަތު ދެވޭނީ ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ، ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ މީހަކަށް ކަމަށް ވެސް އުސޫލުގައިވެއެވެ. އަދި އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުސަތު ދެވޭނީ އެފަދަ މީހަކު ނެތް ހާލަތެއްގައެވެ.

 

ހަމަމިއާއެކު އެފަދަ މީހަކަށް ފުރުސަތު ދޭނީ އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުން ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

ހައްޖު ކޯޕަރޭޝަންގެ މައުލޫމާތުތަކަށް ބަލާއިރު، އެ ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް 9115 މީހުން ކިއޫގައި އެބަތިއްބެވެ. އެއީ 65 އަހަރުން ދަށުގެ 7543 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުންނެވެ. ކިޔޫގައި މިހާރުތިބި މީހުންގެ ތެރޭގައި އަލަށް ހައްޖަށް ދިއުމަށް 8623 މީހުން ތިބިއިރު، އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުންނާއި 75 އަހަރުން މަތީގެ 103 މީހުންނެވެ.

 


  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް