ނާޖާއިޒު ފައިދާ ހޯދި އިމިގްރޭޝަން އޮފިސަރުންގެ ވަނަވަރު ހާމަކޮށްފި

ބިދޭސީން އަތުން ފައިސާ ނަގާ ނާޖާއިޒު ފައިދާ ހޯދި އިމިގްރޭޝަން އޮފިސަރުންގެ ވަނަވަރު ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

 

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 5 މީހުންނެވެ.

 

އެއީ ތ. ބުރުނީ މޫނިމާގޭ އުމުރުން 21 އަހަރުގެ މުޙައްމަދު އަލްސަން އިސްމާޢީލް، ގ. ހެޕީ ސައިޑް އުމުރުން 37 އަހަރުގެ އިބްރާހީމް އަޙްމަދު، ހަމަ އެގޭ އުމުރުން 47 އަހަރުގެ ޙަސަން ސަހެޝާންއެވެ. އެއީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންނެވެ.

 

މީގެއިތުރުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ގ. ލިޓޯނިޔާ އުމުރުން 36 އަހަރުގެ މުޙަައްމަދު ޝަމްޢާން ވަޙީދު ހައްޔަރުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ރޭގެ ވަގުތެއްގައެވެ. އަދި މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަޙްމަދު ލައްސާން ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

 

ފުލުހުން މީގެކުރިން ހާމަކުރައްވާފައިވާ ގޮތުގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯރސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވެއެވެ.

 

އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް