ލަންކާގެ ކޮލޮމްބޯއިން ރާއްޖޭ އައި އެމްއެސް ކްރިސްޓަލް ނަމަކަށް ކިޔާ ކްރޫޒްލައިނާއަކުން 307 ފަސިންޖަރުންނަށް ކްލިއަރަންސް ދީފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެ ބޯޓުން ކްލިއަރަންސް ދީފައިވަނީ 307 ފަސިންޖަރުންނަށާއި 477 ކުރޫ މެމްބަރުންނަށް ކަމަށެވެ. އެމީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަށްކޮށްފައިވަނީ އިމިގްރޭޝަނުގެ ސީޕޯޓް ޑިވިޝަނުންނެވެ.
މިއީ އެމްއެސް ކްރިސްޓަލް މި އަހަރު ރާއްޖެ ޒިޔާރަތްކުރި ދެވަނަ ފަހަރުކަން އިމިގްރޭޝަނުން ފާހަގަކޮށްފައި ވެއެވެ. މިއީ މި އަހަރު ރާއްޖެ ޒިޔާރަތްކުރި 7 ވަނަ ކްރޫޒް ލައިނަރ ކަން ވެސް ފާހަގަކޮށްލެވެއެވެ.
މީގެކުރިން އެންމެ ފަހުން އިމިގްރޭޝަނުން ކްލިއަރަންސް ދީފައިވަނީ އެމްއެސް ވައިކިންގ ސްކައި ނަމަކަށް ކިޔާ ކްރޫޒް ލައިނަރއަކުން ރާއްޖެ އައި 765 ފަސިންޖަރުންނަށާއި 469 ކުރޫންނަަށެވެ. މި ބޯޓު މާލެ ބޭރުގައި ބަނދަރުކުރީ މާރޗް 9 ވަނަ ދުވަހުއެވެ. އެމްއެސް ވައިކިންގ ސްކައިއަކީ ވެސް ކޮލޮމްބޯއިން އައި ބޯޓެެކެވެ.
ހަމަ މާޗް 9 ވަނަ ދުވަހު ކޮލޮމްބޯއިން ރާއްޖެ އައި އެމްއެސް ޒިޑޭރޑަމް ކްރޫޒް ލައިނާއިން ޒިޔާރަތްކުރި 1،274 ފަސިންޖަރުންނަށާއި 751 ކުރޫ މެމްބަރުންނަށް ކްލިއަރަންސް ދިން ކަމަށް އިމިގްރޭޝަނުން ހާމަކުރައްވައެވެ.
މިހެން ރާއްޖެ ޒިޔާރަތްކުރާ ކްރޫޒް ލައިނަރތަކުން އަންނަ ފަތުރުވެރިން މާލެއަށް ފައިބައި، އެހެން ރަށްތަކަށް ވެސް ދަތުރުކުރެއެވެ. މިދިޔަ މަހު 8 ވަނަ ދުވަހު އައްޑޫއަށް ވެސް 'ނޯބަލް ކޭލްޑޯނިއާ' ނަމަކަށް ކިޔާ ކްރޫޒް ޝިޕެއް ބަނދަރުކުރިއެވެ. އެ އުޅަނދުން 100 އަށްވުރެ ގިނަ ފަތުރުވެރިން އައްޑޫއަށް ފޭބިއެވެ.