ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ގާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ށ. މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުންނެވެ.
އެހެންކަމުން މަރުކަޒުތަކުން ދެވޭ ހިދުމަތްތައް ފުރިހަމަކުރުމަށް ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތައް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ތިނަދޫ ސިޓީއާއި ރ. އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ގާއިމުކުރަން ފެށޭނެކަމަށްވވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މިހާރު މަސައްކަތް ހިނގަމުންދާ އިސްލާމީ މަރުކަޒުތަކަށް އަލިއަޅުވާލައްވާ ވަނީ އައްޑޫ އަދި ހއ. ދިއްދޫ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް މި އަހަރު ނިމޭނެކަން ހާމަކުރައްވާފައެވެ.
މިލަންދޫ އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
އެރަށުގައި މަރުކަޒު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅުގެ ދަށުން ކަމަށާއި އުންމީދަކީ މި މަސައްކަތް ވެސް ވީ އެންމެ އަވަހަކަށް ނިންމާލުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ ދިގު މުއްދަތަކަށް މަރުކަޒު ބޭނުންކުރެވޭނެ ފެންވަރަށް ކޮންޓްރެކްޓްގައި ދީފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑިންގ އުސޫލުންނެވެ.