ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިޔުމަކީ ކުރައްވާ އުންމީދެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން ފޮނުއްވި ހާއްސަ މެސެޖެއްގައި އެމަނިކުފާނު ވަނީ އިމިގްރޭޝަނަށް ހިދުމަތްކޮށްދެއްވި އަދި މިހާރުވެސް ހީވާގިކަމާއެކު ހިދުމަތް ކޮށްދެއްވަމުން އަންނަ އެންމެހައި މުވައްޒަފުންނަށް ޝުކުރާއި ތަހުނިޔާ ދަންނަވާފައެވެ.
މީގެއިތުރުން އެ އިދާރާގެ 75 އަހަރުގެ ދިގު ތާރީހުގައި ގައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގަޔާއި، ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް އުޅޭ ބިދޭސީންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ޒަމާނުއްސުރެ ފޯރުކޮށްދެމުންދާކަން ވަނީ ފާހަގަކުރައްވާފައެެވެ.
މެސެޖު ނިންމަވާލައްވާފައި ވަނީ އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެވި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ކުރިއެރުންތައް ލިބިގެންދިޔުމަކީ ކުރައްވާ އުންމީދުގައި ވިދާޅުވަމުންނެވެ.
ރާއްޖޭގައި އިމިގްރޭޝަންގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ 1950 ވަނަ އަހަރުއެވެ. އެގޮތުން މޯލްޑިވިއަން ޕާސްގެ ނަމުގައި ދަތުރުކުރުމަށް ހާއްސަ ލިޔުމެއް ދޭން ފެށިއިރު، އެލިޔުން ބޭނުންކުރަން ފެށީ ރާއްޖެއާއި ސިލޯނާ ދެމެދުއެެވެ. މި ލިޔުން ތައްޔާރުކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް ކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.
އެއަށްފަހު ރާއްޖޭގައި އިމިގްރޭޝަންގެ ހިދުމަތް ފުޅާކޮށް 1964 ވަނަ އަހަރު ދިވެހި ޕާސްޕޯޓް ތައާރަފުކުރެވުނެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓަކީ 2016 ވަނަ އަހަރު ތައާރަފުކުރި ސެކަންޑް ޖެނެރޭޝަން އީ- ޕާސްޕޯޓެވެ.