ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ

ޒަކާތް ދައްކަނީ - ފޮޓޯ: ކުޑޭ

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ހާމަކުރައްވައިފިއެވެ.



އެގޮތުން އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ޒަކާތުގެ ގޮތުގައި ޖުމްލަ 7،632،214.03 (ހަތް މިލިޔަން ހަ ލައްކަ ތިރީސް ދެ ހާސް ދުއިސައްތަ ސާދަ ރުފިޔާ) ބަލައިގެންފައިވާކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ. އަދި މިއީ ފާއިތުވެދިޔަ 4 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހަށް ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ އަޅާބަލާއިރު ބޮޑު އިތުރުވުމެއްކަން ވެސް ފާހަގަކުރައްވައެވެ.

 

ޒަކާތުގެ ހައުސްގެ ތަފާސްހިސާބަށްބަލާއިރު، 2021 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 3.7 މިލިއަން ރުފިޔާ މި މުއްދަތުގައި ލިބިފައި ވެއެވެ. އަދި 2023 ވަނަ އަހަރު 4.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ވެސް ލިބިފައިވަނީ 4.6 މިލިއަން ރުފިޔާއެވެ.

 

ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެއެވެ. އެގޮތުން މިފަހަރުވެސް އޮންލައިންކޮށް 5 ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެއެވެ. އެއީ ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)، އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)، މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން، ފަހިޕޭ (އެޕްލިކޭޝަން) އަދި ބަނޑޭރި ޕޭ އެެވެ.

 

ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާހަމައަށް ވެސް ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ވަނީ ވިދާޅުވެފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

 

ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އަދި މި މާރޗު މަހުގެ 22 އިން ފެށިގެން 27 ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލުގައި ދަނީ ކުރިއަށެވެ.

 


  • ޒަކާތް
  • ކޮމެންޓް