ވ. ކެޔޮދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމިއްޖެއެވެ.
އެރަށުގައި ސަރުކާރުން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން 45 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 345 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި 960 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފައެވެ.
މީގެއިތުރުން 3 ޕަންޕިން ސްޓޭޝަނާއި 4.3 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 3.9 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވެސް ވަނީ އަޅާފައެވެ. އަދި 27 ކިލޯވޮޓުގެ ސޯލަރ ޕެނަލެއް ވެސް ހަރުކޮށްފައި ވެއެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ނިޒާމުގެ މަސައްކަތް ނިންމައި، މިހާރުވަނީ އޮޕަރޭޓަރާ ހަވާލުކޮށްފައެވެ. އަދި ނިޒާމު ޓެސްޓްކުރުމުގެ ގޮތުން އަގު ނުނަގައި، ހިދުމަތް ފޯރުކޮށްދެމުންދާކަމަށް ވެސް ވިދާޅުވެއެވެ.
2023 ވަނަ އަހަރު އެރަށުގައި މަސައްކަތް ފެށި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ދައުލަތުން ހަރަދުކޮށްގެންނެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.
މިނިސްޓްރީން ވަނީ އެ އަތޮޅު ފެލިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަހުގެ ތެރޭގައި ނިންމާލާފައެވެ. އަދި ގދ. ފަރެސްމާތޮޑާއާއި ލ. އިސްދޫ އަދި އެ އަތޮޅު ގަމުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައެވެ.