ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމިސްކޮށް ވާހަކަދެއްކުން ޑަބްލިއުއޭއެމް އިން ކުށްވެރިކޮށްފި

ޑަބްލިއުއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ކ) - ފޮޓޯ: ކުޑޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމިސްކޮށް ވާހަކަދެއްކުން ވީލްޗެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑަބްލިއުއޭއެމް) އިން ކުށްވެރިކޮށްފިއެވެ.

 

އެ އެސޯސިއޭޝަނުން މިކަން ކުށްވެރިކުރީ މާރޗު 22 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ " ކާލާ ބައިސާ " ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް އެފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށާއި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަ ދައްކާފައިވާތީއެވެ.

 

އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޑަބްލިއުއޭއެމް އިން ނެރުނު ބަޔާނުގައި ވަނީ އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް، އިދާރާއަކަށް ވެސް ލިބިގެންނުވާ ހައްގެއް ނަހަމަ ގޮތުގައި، އިންސާނިޔަތުކަން ކުޑަވާ ގޮތެއްގައި މިފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްވާ ގޮތަށް މީޑިއާ، ޓީވީ ޗެނަލްތަކުން މިފަދަ ޕްރޮގްރާމްތައް ގެނެސްދިނުން ބަލައިނުގަނެވޭނެ ކަމަށެވެ.

 

"އެހެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މި މުޖުތަމައުގައި ހާއްސަ އެހީތެރިކަމާ، ހައްގުތައް ރައްކާތެރިކުރުމަށް އެންމެހާ ފަރާތްތަކަށާއި އިދާރާތަކަށް ގާނޫނުންވެސް ހާއްސަ ގޮތެއްގައި ލާޒިމްކޮށް މަތިކޮށްފައިވާ ހާއްސަ ފަރާތްތަކަކަށް ވާތީއެވެ."

 

މީގެއިތުރުން މިފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ގޮތަށް، ކަންކަން ކުރާ އެއްވެސް ބަޔަކީ ނުވަތަ ފަރާތްތަކަކީ އެ އެސޯސިއޭޝަން ދެކޭގޮތުގައި، "ނުކުޅެދުންތެރިކަން މާ ބޮޑު ބައެއް" ގެ ގޮތުގައި ސިފަ ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

 

 ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަކީ މުޖުތަމައުގައި ތަފާތު ކުރުމެއް އޮވެގެންވާނެ ބައެއް ނޫން ކަމަށާއި މިފަދަ ޢަމަލުތައް ކަމާބެހޭ އިދާރާތަކުން ބަލާ ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

 

ހަމަމިއާއެކު ވީލްޗެއަރ އެސޯސިއޭޝަނުން މިފަދަ ކަންކަން ހުއްޓުވުމަށް ކުރެވެން އޮތްހުރިހާ ކަމެއް ކުރުމަށް ފަސްނުޖެހޭނެ ވާހަކަ އެންމެހާ އިދާރާތަކަށާއި، އެހެންވެސް ފަރާތްތަކަށް ދަންނަވާ ކަމުގައި އެ ބަޔާނުގައި ވެއެވެ.

މިކަމާއި ގުޅިގެން ރާއްޖެ ޓީވީން މިހާރުވަނީ މައާފަށް އެދިފައެވެ.

 


  • ވީލްޗެއަރ އެސޯސިއޭޝަން
  • ކޮމެންޓް