އަނިޔާވެރި ސަރުކާރެއްގައި ހައްގުތައް ލިބޭނީ ރައްޔިތުން މަގު މައްޗަށް ނިކުމެގެން: މޭޔަރު އާޒިމް

މިސަރުކާރުގައި މަގުމަތިން ނޫން ގޮތަކަށް އެއްވެސް ހައްގެއް ނުލިބޭނެ ކަމުގައި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

 

މޭޔަރު މިފަދައިން ވިދާޅުވީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ދިނުމަށް މި ސަރުކާރުން ނިންމާފައިވާ މީހުންގެ ވަގުތީ ލިސްޓަށް އެތައް ހާސް ބަޔަކު ޝަކުވާ ހުށައަޅާފައިވާތީ، އެކަމަށް އިޝާރާތްކުރައްވައެވެ.

 

މޭޔަރު ވިދާޅުވީ ފްލެޓު ލިބޭނެ ކަމުގެ އުންމީދުގައި ތިބި މީހުން ވެސް ހައްގު ބޭނުންވާނަމަ މަގު މައްޗަށް ނުކުންނަން ޖެހޭ ކަމަށެވެ. އަދި މާލެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި ކުރީ ސަރުކާރުގައި އަޅާ ނިންމާފައިވާ ފްލެޓުތައް ދޫނުކޮށް، މި ސަރުކާރުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ގަޑުބަޑުކުރުމަކީ ރައްޔިތުން ނިކަމެތިކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން ރައްޔިތުންނަށް ތެދު ހަދަންޖެހޭނެ ކަމަށާއި ރައްޔިތުންނަށް ދޮގު ހަދައިގެން މިގޮތަށް މިކަންތައްތައް ކުރުމަކީ ވަރަށް ގޯސްކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

 

"އެހެންވީމަ އަޅުގަނޑު ހަމަ އެދެން މިސަރުކާރުގައި ރައްޔިތުންނަށް ދޮގުހަދައި އޮޅުވާނުލާށޭ. ރައްޔިތުންނަށް އަނިޔާނުދޭށޭ. ރައްޔިތުންނަށް ހިތާމަ ނުޖައްސާށޭ."

 

ހަމަމިއާއެކު މި ސަރުކާރުން ރައްޔިތުންނަށް ފާޅުގައި ދޮގުހަދައި، އަނިޔާ ދިނުމަށް ފަހުވެސް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ އިތުރަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ. އެހެންވެ މިފަދަ އަނިޔާވެރި ސަރުކާރެއްގައި ހައްގުތައް ލިބޭނީ ރައްޔިތުން މަގު މައްޗަށް ނިކުމެގެން ކަމަށް ވިދާޅުވެއެވެ.

 

ފްލެޓް ލިސްޓަށް މިހާތަނަށް 2843 ޝަކުވާ ވަނީ ހުށަހަޅާފައެވެ. އެއީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހެޅި 2079 ޝަކުވާއާއި ދެ ކޮޓަރީގެ ފްލެޓްތަކަށް ހުށަހެޅި 764 ޝަކުވާއެވެ.

 


  • އާދަމް އާޒިމް
  • އެމްޑީޕީ
  • ކޮމެންޓް