އަމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް މިނިސްޓްރީގެ އެހީތެރިކަން

ސަރުކާރުގެ އިދާރާތައް ފިޔަވައި އަމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ކްލާސްތަކުގައި ވެސް ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް އިސްލާމިކް މިނިސްޓްރީން އެހީތެރިވެދެއްވާނެ ކަމުގައި މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޙާފިޡުން ދަސވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

 

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެމަޝްރޫއުތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ މަރުކަޒެއް ގާއިމްކޮށްފައިވާ ކޮންމެ ރަށެއްގައި މި މަޝްރޫއު އިތުރަށް ފުޅާކުރައްވާނެކަމަށެވެ.

 

މީގެއިތުރުން އިސްލާމީ މަރުކަޒު ގާއިމްކޮށްފައި ނެތް ރަށްރަށުގެ މިސްކިތްތަކުގައި ވެސް މި މަޝްރޫއު ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. އަަދި މިނިސްޓްރީން ހުރިހާ ގޮތަކުން އެހީތެެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

 

"އަޅުގަނޑުމެން ވަސީލަތްތަކާއި މާލީ އަދި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭނަން."

 

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިއަދު ދުނިޔެ މިވަނީ ކީރިތި ޤުރުއާނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި ކަމަށާއި ޒަމާނީ އަނދިރިކަމުގެ ޖާހިލިއްޔަތުން އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަމުގެ ތެރެއަށް ދުނިޔެ ގެނައުމަށްޓަކައި އިޖުތިމާއީ ގޮތުންނާއި އަޚުލާގު އާލާކޮށް ދިރުވުމަށްޓަކައި މިއަދު އިންސާނިއްޔަތު ކުރިއަށްވުރެ ބޮޑަށް ޤުރުއާނަށް ބޭނުންޖެހިފައިވާ ކަމަށެވެ.

 

އެހެންކަމުން ޤުރުއާންގެ ޖީލު އަލުން ތަރުބިއްޔަތުކޮށް ޤުރުއާނުގެ ޖީލު އަލުން އިޔާދަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ.

 

ހަމަމިއާއެކު ރާއްޖޭގެ ތާރީހުގައި މިއަދު ލިޔެވިގެންމިދާ ސަފްހާއަކީ ކުރިއަށް އޮތް ޖީލަށް އިސްލާމީ ހަޟާރަތާއި އިސްލާމީ އަގީދާ ފޯރުކޮށްދޭނެ ވަރުގަދަ ވާހަކަތަކެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 


  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް