މުޖުތަމައުން ފެންނަމުންދާ ނޭދެވޭ ސިފަތަކަކީ ތައުލީމީ ނިޒާމުގެ ތެރެއިން އެކަމުގެ ހައްލު ގެނެވެންޖެހޭނެ ކަންތައްތަކެއް ކަމުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހުގެ އެންމެ ފަހު އިހްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ މީހުންގެ އަބުރާއި ކަރާމާތަށް އަރައިގަތުމާއި، ދޮގު ވާހަކަތައް ފެތުރުން އާންމުވެފައިވާ މިންވަރަށް ބަލާއިރު، ރާއްޖޭގައި އޮތް ތައުލީމީ މަންހަޖު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުވަމުންދޭތޯ ސުވާލުކުރަންޖެހޭކަމަށެވެ.
މިކަމާމެދު ފުންކޮށް ވިސްނައި، މައްސަލައަކީ އުނގަންނައިދެވޭ ގޮތްތޯ ނުވަތަ އުނގެނެމުގައި ދިމާވާ މައްސަލައެއްތޯ ދެނެގަންނަންޖެހޭ ހާލަތަށް މިކަންގޮސްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ މުޖުތަމައުން ފެންނަމުންދާ ނޭދެވޭ ސިފަތަކަކީ ތައުލީމީ ނިޒާމުގެ ތެރެއިން އެކަމުގެ ހައްލު ގެނެވެންޖެހޭނެ ކަންތައްތަކެއްކަމަށެވެ.
މީގެއިތުރުން އިސްލާމީ ގައުމެއްގެ ތައުލީމީ ނިޒާމު ބައްޓަންވެފައި އޮންނަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކުގެ މަތީގައި ކަމަށާއި އެގޮތުން ރާއްޖޭގައި ލިޔެވިފައިވާ ތައުލީމީ މަންހަޖުގެ އެންމެ މުހިއްމު އަސާސަކީ، އިސްލާމީ އަގީދާ ވަރުގަދަ ކުއްޖަކު މުޖުތަމައަށް ނެރުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު މުޖުތަމައުން ފެންނަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވެސް އިސްލާމް ދީނާއި ބީރައްޓެހި ކަންތައްތައް އާންމުވަމުންދާ މަންޒަރުކަމަށް ވެސް ވިދާޅުވިއެވެ.