ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އިސްތިއުނާފްކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
އޭނާގެ މައްޗަށް ހުށަހަޅާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގު މަންފާތަކެއް ހޯދިކަމުގެ ތުހުމަތެވެ.
ޝަމްއާން ހައްޔަކުރުމުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައެވެ. އެހެންނަމަވެސް މިދިޔަ ބުދަ ދުވަހު އެ މައްސަލަ ހައިކޯޓުގައި އޮތީ އިސްތިއުނާފްކޮށްފައެވެ. ހައިކޯޓުގެ ރެޖިސްޓްރީން ދައްކާ ގޮތުން އެ މައްސަަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މީގެކުރިން ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއް ގެންދިޔައިރު، އޭގެތެރެއިން އެކަކު 530،000 ރުފިޔާއާއެކު ދޫކޮށްލީ ޝަމްއާންގެ އަމުރަށް ކަމަށެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.
މި މައްސަލައިގާ އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ވެސް ހައްޔަރުކޮށްފައިވާއިރު، ދެ އޮފިސަރެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި ޝަމްއާންގެ އާއިލާގެ މީހެއްގެ ފޯނުވެސް ވަނީ ހިފަހައްޓާފައެވެ.