ހައްޖާޖީން ރާއްޖެއިން ފުރަން ފަށާނީ މެއި 26 ގަ

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން މާލެއިން ފުރަން ފަށާނީ މެއި މަހުގެ 26 ވަނަ ދުވަހު ކަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

 

ސައުދީގައި ހުންނަވާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ދަތުރުގެ ހުރިހައި އިންތިޒާމެއް މިހާރުވަނީ ހަމަޖައްސާފައި ކަމަށެވެ.

 

"ވައިގެ މަގުންނާ އެއްގަމު ދަތުރުގެ އިންތިޒާމުތައް ވަނީ ނިމިފަ. އަދި އިދާރީ ގިނަ މަސައްކަތްތައް ވެސް މިހާރު ވަނީ ނިންމާފަ."

 

ޝަކީލް ވަނީ ހައްޖާޖީންގެ ވައިގެ ދަތުރުތައް ކުރާނީ ރާއްޖޭގެ ގައުމީ އެއަރލައިނުންނާއި ސައުދިއާ އެއަރލައިނުން ކަމަށެެވެ. އަދި އެއަރލައިނަކުން 500 މީހުން ދަތުރުކުރާނެކަމަށާއި އެއަރލައިންތަކާއެކު އެއްބަސްވުން ހަދައި، ފައިސާގެ ކަންކަން ވެސް މިހާރު ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން ރާއްޖެއިން ހައްޖަށްދާ 1000 މީހުން 4 ފްލައިޓަށް ބަހާލައިގެން ގެންދާއިރު، ދަތުރުތައް ކުރުމަށް ނިންމާފައިވަނީ މެއި 26، 27، 29 އަދި 30 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި މައްކާ މަދީނާ ދަތުރުތައް ހަރަމައިން ރޭލުގައި ކުރަމުންދާއިރު، ބަސްދަތުރުތައް ވެސް ކުރަނީ އެންމެ ޒަމާނީ ބަސްތަކުގައި ކަމަށެވެ.

 

ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިން ހާމަކުރައްވާފައިވާގޮތުގައި އެ ކޯޕަރޭޝަން މެދުވެރިކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ. މީގެތެރޭގައި 65 އަހަރުން ދަށުގެ 7543 މީހުންނާއި 65އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން ހިމެނޭކަމަށް ވަނީ ވިދާޅުވެފައެވެ.

 

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ހައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.

 


  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ކޮމެންޓް