މިރޭ ރާއްޖެއަށް އިރާއި ހަނދު އޮއްސޭނީ އެއް ވަގުތެއްގަ: ރައީސް މައުމޫން

ބަރާބަރު ފަލަކީ ހިސާބުން ދައްކާގޮތުންނަމަ މިރޭ ރާއްޖެއަށް އިރާއި ހަނދު އޮއްސޭނީ އެއް ވަގުތެއްގައި ކަމުގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

 

'އެކްސް' ގައި ވިދާޅުވީ ބަރާބަރު ފަލަކީ ހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއިހަނދު އޮއްސެނީ އެއްވަގުތެއްގައި ކަމަށެވެ. އަދި އެއީ 181:14 ގައި ކަމަށެވެ.

 

ވީމާ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެ ކަމަށާއި މާދަމާވާނީ ރަމަޟާން ތިރީހަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އިސްލާމީ އެހެންގައުމަކަށް މިރޭ ހަނދުސާބިތު ވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ އީދަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

 

ރައީސް މައުމޫން މީގެކުރިން ވެސް ވަނީ އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނުއޮއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީ ކަމަށް ވިދާޅުވެފައެވެ. އަދި ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާއި ފިތުރު އީދު ދުވަހާއި މެދު ބައެއް ފަރާތްތަކުން އެކި ރައުޔު އިއްވަމުންދާ ދުވަސްވަރެއްގައެވެ.

 

ރައީސް މައުމޫން މީގެ ކުރިން ވިދާޅުވެފައިވަނީ މާރޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަށެވެ. އެހެންނަމަވެސް ޑރ. ހަސަން ހަމީދު ވަނީ ފިތުރު އީދު ދުވަހަކީ ހޯމަ ދުވަހަށް ވުން ގާތްކަމަށް ވިދާޅުވެފައެވެ.

 

ދުވަސް ގުނާނަމަ މާރޗު 29 ވަނަ ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ ވެސް 29 ވަނަ ދުވަސް ކަމަށާއި އެދުވަހު ރާއްޖެއަށް އިރުއޮއްސޭނެކަމަށް އިމްސާކިއްޔާގައި ބުނެފައިވަނީ އެ ދުވަހުގެ 6:14 ކަމަށްވާއިރު، ހަނދު އޮއްސޭނީ ވެސް ހަމަ އެގަޑީގައި ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

 

އެހެންކަމުން ވިދިގެން އަންނަ ދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށް ވާނެތީ، މާރޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

 

މީގެއިތުރަަށް ވިދާޅުވީ އެއީ، ހަނދު ސާބިތުކުރުމުގައި ޢަމަލުކުރަމުން އަންނަ އުސޫލުތަކާ ހަމަތަކުގެ އަލީގައި ބުރަވެވޭ ގޮތްކަމަށެވެ. ރާއްޖޭގައި ރަމަޟާން މަހުގެ ހަނދު ބެލުމުގައި ވެސް އަދި ފިތުރު އީދަށް ހަނދު ބެލުމުގައި ވެސް މީގެކުރިން ރައީސް މައުމޫން އަންދާޒާކުރައްވާ ގޮތަށް ވަނީ ދިމާވެފައެވެ. އެމަނިކުފާނަކީ ފަލަކީ އިލްމުގައި އަރާ ހުންނެވި، ތައުލީމީ ބޭފުޅެކެވެ.

 


  • ރައީސް މައުމޫން
  • ކޮމެންޓް