އީދު އަލިން ރާއްޖޭގެ 64 ރަށް ދިއްލާލައިފިއެވެ.
މި ރަށްތައް ދިއްލާލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންނާއި، ބޭރުގެ އެމްބަސީތަކުގެ ޑިޕޮލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، އެމިނިސްޓްރީގެ މުވައްޒަފުންނާއި، ގިނަ އަދަދއެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ.
އާދަމް ޝަރީފު ޢުމަރު ވަނީ އީދު އަލިން ރާއްޖެ ދިއްލުމުގެ ހަރަކާތުގެ މުހިންމުކަމާއި އެ ހަރަކާތް ފެށިގެން އައި ގޮތުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި ވަނީ އީދު އަލިން ރަށްތައް ދިއްލައިލާ، ތަކުބީރުގެ މަތިވެރި ކަލިމަ ސްޕީކަރުތަކުގެ އަޑުން ޖައްވުގައި ގުގުމާލުމަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު މަތިވެރި ކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމުގައެވެ.
މީގެއިތުރުން އީދު އަލިން ރާއްޖެ ދިއްލުމަކީ ރާއްޖޭގެ އެތައް ބަޔަކު އެދެމުންދާ ކަމަކަށްވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކާއި އިތުރު 36 ރަށަކާއެކު 64 ރަށް ދިއްލިގެންދާ ކަމަށް ވިދާޅުވިއެވެ. އަދި މި ރަށްތައް ދިއްލުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި، ފެނަކައާއި، ކައުންސިލްތަކާއި އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުން ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް އެ ހުރިހައި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.
64 ރަށް އީދު އަލިން ދިއްލައިދެއްވުމަށް ފަހު، ޑރ. ޝަހީމް ވަނީ އީދު ދިއްލުންތަކުން ކުރެވޭ މާނަތައް އަދުގެ ކުޑަކުދިންނަށް ކިޔައި ދެއްވުމުގައި ބޮޑެތި މީހުންގެ ދައުރެއް އޮތް ކަމަށެވެ. އަދި އެ ވާހަކަތައް ކުޑަކުދިންނަށް ކިޔައިދެއްވުމަށް ބޮޑެތި މީހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.