އައްޑޫ ސިޓީއަށް ގެންދިޔަ ޖަނަރޭޓަރު މިއަދު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
އެސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން އިންޑިއާއިން ގެނައި 1.8 މެގަވޮޓުގެ ޖަނަރޭޓަރު އައްޑޫ ސިޓީއަށް ގެންގޮސްފައިވަނީ މިމަހުގެ 27 ވީ ބުރާސްފަތި ދުވަހުގެ ރެއެވެ. އެ ކުންފުނިން ވިދާޅުވެފައިވަނީ އެ ޖަނަރޭޓަރު މިހާރުވަނީ އިންސްޓޯލުކޮށްފައި ކަމަށެވެ. އަދި އުއްމީދުކުރަނީ މިއަދު އޮޕަރޭޝަނަށް ގެނެވޭނެކަމުގައެވެ.
އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރާއިރު، އެސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަރހޯލް ނުކޮށް ދިގުލައި، ހަލާކުވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހޭތީ، ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އިޖުތިޖާޖު ވެސް ކޮށްފައި ވެއެވެ.
އެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން މީގެކުރިން ވެސް ވަނީ ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެސިޓީއަށް 3 ޖަނަރޭޓަރު ފޮނުވާފަވެއެވެ. އައްޑޫ ސިޓީގައި މިހާރު ބޭނުން ކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން އެންމެ ބޮޑު ޖަނަރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫ ސިޓީގައި ކަރަންޓު ދިނުމަށް ގިނައިން ހުރީ 1.8 މެގަވޮޓް ނުވަތަ އެއަށް ވުރެ ކުދި ސައިޒުގެ ޖަނަރޭޓަރުތަކެވެ.
އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލުތައް ހޯދުމަށް މަސައްކަތްތައް ކުރަމުން އަންނައިރު، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ވެސް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެނަކައާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް އަވަހަށް އާންކުކުރާނެކަމަށް ވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.