ބޮލީވުޑްގެ ވެޓްރަންސް އެކްޓަރ މަނޯޖު ކުމާރު މަރުވެއްޖެއެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އޭނާ މަރުވީ ކޮކިލަބެން ދިރުބާއި އަމްބާނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 4:03 ގައެވެ. އުމުރަކީ 87 އަހަރެވެ.
ބާރަތު ކުމާރުގެ ނަމުން ވެސް ގިނަ ބަޔަކު މުހާތަބު ކުރާ މަނޯޖު ކުމާރަކީ އެކްޓަރެއްގެ އިތުރުން ފިލްމު ޑައިރެކްޓްކޮށް، ސްކްރީން ޕްލޭ ލިޔެ، ލަވަ ލިޔާ މީހެކެވެ. އަދި ސިޔާސީ މައިދާނުގައި ވެސް ބަހާރަތްޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގައި ހަރަކާތްތެރިވެފައި ވެއެވެ.
1957 ވަނަ އަހަރުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ފިލްމީ މަސަައްކަތުގައި އުޅުނު މަނޯޖަށް ވަނީ 1992 ވަނަ އަހަރު ޕަދްމާ ޝްރީ އެވޯޑު އަދި 2015 ވަނަ އަހަރު ދާދާސާހެބް ޕަލްކޭ އެވޯޑު ވެސް ލިބިފައެވެ.
މަނޯޖު ކުމާރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި އުޕްކާރު، ރޯޓީ ކަޕްޅާ އައުރު މަކާން، ޝަހީދު، ޕޫރަބް އައުރު ޕައްޗިން ހިމެނެއެވެ. އަދި ވޯ ކޯންތީ އާއި ޝޯރް، ގުމްނާމްއާއި ކްރާންތީއާއި ޕައްތަރުކެ ސަނަމް އަދި މޭރާ ނާމް ޖޯކަރަކީ ވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފިލްމުތަކެވެ.
އޭނާގެ މަރާއި ގުޅިގެން ބޮލީވުޑުގެ ގިނަ ފަންނާނުން ދަނީ ހިތާމައިގެ މެސެޖުތައް ފޮނުވަމުންނެވެ.