ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕޯލެއް ހުޅުވައިލުމުން އެމްޑީޕީން ފާޑުކިޔައިފިއެވެ.
މިކަމާއިގުޅުގެން އެމްޑީޕީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޟު އިސްމާއިލް، ކަންބޮޑުވުން ފާޅުކުރައްވާ ވިދާޅުވީ ރައްޔިތުންގެ އަމިއްލަ ހިޔާރުތަކަށް ސަރުކާރުން އަތްގަދަ ކުރަމުންދާތީ ކަންބޮޑުވާކަމަށެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟު ވިދާޅުވީ ސަރުކާރުގެ ދައުރަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ޅަފުރައިގެ މީހުންނާއި ދޮށީ އުމުރުގެ މީހުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ނުވަތަ ފެށުމުން ދުރުހެލިވުމަށް ހިތްވަރުދިނުން ކަމަށެވެ.
އެހެންނަމަވެސް އެމީހުންގެ ފަރާތުން އެކަން ނިންމުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ނޫންކަން ފާހަގަކޮށް ވިދާޅުވީ މި ފެނިގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މި ސަރުކާރުން ރައްޔިތުންގެ އަމިއްލަ ހިޔާރުތަކަށް އަތްގަދަކުރުމުގެ ބާރު ލިބިފައިވާކަމަށް ގަބޫލުކުރާތަން ކަމަށެވެ.
The government's role is to raise awareness, encouraging individuals young or old to quit smoking or refrain from starting. However, it has no business making that decision for them. It is deeply concerning that President Muizzu and his government seems to believe it has the… https://t.co/GZ17gTa3c2
— Fayyaz Ismail (@faya_i) April 3, 2025
ފައްޔާޟު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިހްތިޔާރުކުރެއްވުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފައެވެ.
ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ 1 ޖަނަވަރީ 2007 ން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާއި 2004 ވަނަ އަހަރުގެ ޖަނަވަރީ ފުރަތަމަ ދުވަހުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމެވެ.
މީގެއިތުރުން 2000 ވަނަ އަހަރުގެ 1 ޖަނަވަރީން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމެވެ.
ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ހިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން، މި ހިނގާ އެޕްރިލް މަހުގެ 2 ވަނަ ދުވަހު ރައީސް ވަނީ މިކަމާއިގުޅޭ ކެބިނެޓް ކަރުދާސް ތައްޔާރުކުރެއްވުމުގައި ކަމާގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި، އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާ ވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން ހާމަކުރައްވާފައެވެ.
މި ތާރީޚީ ޕޯލަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާ\ައިލެއްވި މިފަދަ ފުރަތަމަ ޕޯލެވެ.