ރާއްޖެ ވިޔަފާރި

އަރަބިއަން ޓްރެވަލް މާކެޓުގައި ފަންނުވެރިކަން ދައްކާލަން ބޭނުންތަ؟ މިއޮތީ އެ ފުރުސަތު!

ކެންދޫގެ ޒުވާނަކު ތައްޔާރުކޮށްފައިވާ ތަކެތި - ފޮޓޯ: ކުޑޭ

ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތަކަށް އެދިއެދި ތިބި ފަރާތްތަކަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަލިކް ރިލޭޝަންސް ކުންފުނި (އެމްއެމްޕީއާރްސީ) އިން ފަހި ފުރުސަތެއް ހުޅުވާލައިފިއެވެ.

 

އެ ކުންފުނިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އަރަބިއަން ޓްރެވެލް މާކެޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު އޮތް ކަމަށެވެ. އެގޮތުން ދުބާއީގައި އޮންނަ އޭޓީއެމްގެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާ މޯލްޑިވިއަން އިވްނިންގ ގައި މި ފުރުސަތު އޮތް ކަމަށް ވަނޯ ވިދާޅުވެފައެވެ.

 

މި މަހުގެ 28 ން މެއި 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި އޭޓީއެމްގައި ވަގުތުން ފަންނު ދައްކާލުމުގެ ފުރުސަތާއި އެ ފަންނުނެވެރިއެކު ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ފުރުސަތު ވެސް ލިބޭނެކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

 

އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އެދުމުގެ ފުރުސަތު މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ވަނީ ދީފައެވެ.

 

މިފެއަރ އޮންނާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ. މިއީ އޭޓީއެމް ފެއަރ ބާއްވާ 30 ވަނަ އަހަރެވެ.

 

މިއީ މެދުއިރުމަތީގައި ވަރަށް މަޝްހޫރުކަން ހޯދާފައިވާ ޕްރިމިއަރ ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަނަކުން ބައްދަލުވެ، ގުޅުން ގާއިމުކޮށް އައު ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމެވެ.



މިފެއަރގައި އެމްއެމްޕީއާރްސީން ދަނީ ކޮންމެ އަހަރަކު ވެސް ބައިވެރިވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އޭޓީއެމްގައި، އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ ދާއިރާގެ 253 މަންދޫބުން ބައިވެރިވެފައި ވެއެވެ.

 


  • ވިސިޓް މޯލްޑިވްސް
  • އެމްއެމްޕީއާރްސީ
  • ކޮމެންޓް