ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަނުކުރައްވައިފިއެވެ.
ޝަހީދު، މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް ޝަހީދު އައްޔަނުކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު (ޤާނޫނު ނަންބަރު 2008/10) ގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެކުރިން، އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި ހުވައިގެ އިގްރާރުގައި ޙުސައިން ޝަހީދު، ވަނީ ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ޙުސައިން ޝަހީދާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޙުސައިން ޝަހީދަކީ، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލް.އެލް.ބީ ހާސިލުކުރައްވާފައެވެ.