ރާއްޖެ ވިޔަފާރި

ބައެއް ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް އެމްޓީސީސީ، ފެނަކަ އަދި އާރްޑީސީ އަށް

ބައެއް ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

 

އެޑިއުކޭޝަން މިނިސްޓްރީން މި މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، ފެނަކަ އަދި އާރުޑީސީއާއެވެ.

 

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހް ސޮއިކުރެއްވިއިރު، އާރްޑީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރުއެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ އަހުމަދު ސައުދީއެވެ.

 

މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ ކ. ގުޅި، ތ. މަޑިފުށި، ގާދިއްފުށި، ހދ. ނައިވާދޫ، ނޮޅިވަރަމް، ނޭކުރެންދޫ، ލ. މާވަށް، އއ. މާޅޮސް، މަތިވެރި، އދ. ފެންފުއްޓެވެ. އަދި ހއ. މާރަންދޫ އާއި މޮޅަދޫ އާއި މ. ވޭވަށާއި ށ. ބިލެތްފަހި ވެސް ހިމެނެއެވެ.

 

މީގެއިތުރުން ރ. އންނަމާދޫ، ދުވާފަރު، ބ. ކުޑަރިކިލު އަދި ގދ. ވާދޫ ވެސް ހިމަނާފައި ވެއެވެ.

 

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 114.9 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

 

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމާއި ވަސީލަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައިވާ މަޝްރޫއުތައް މި އަހަރު އަލުން ފެށުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

 


  • އެޑިއުކޭޝަން މިނިސްޓަރ
  • އެޑިއުކޭޝަން މިނިސްޓްރީ
  • ފެނަކަ
  • އާރްޑީސީ
  • އެމްޓީސީސީ
  • ކޮމެންޓް