ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން މި ކޮންގްރެސް ބޭއްވުމަށް ނިންމަންޖެހޭ ކަންކަމާއިގުޅޭގޮތުން މަޝްވަރާކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މި މަހުގެ 12 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ. އެރޭ 8:30 ގައި އާދަޔާ ހިލާފު ކޮންގްރެސް ބާއްވާނެ ދުވަހެއް ފާސްކުރާނެ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީން މިފަދަ ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހަށް ހުށަަަައަޅާފައިވާއިރު، އެޕާޓީގެ ބާނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ވަރަށްފަހުން ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ މި ހިޔާލުފުޅަށް އެމްޑީޕީގެ ޗެއަރޕާރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢިލް ވަނީ ތާއިދު ވެސް ކުރައްވާފައެެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފަައިވާއިރު، ޑިމޮކްރެޓްސް އުފެއްދުުމުގައި އިސްކޮށް އުޅުއްވި ހަސަން ލަތީފްއާއި މުޙައްމަދު ޝިފާޒުއާއި ހުސައިން އަމްރު އަދި ޢަލީ ޢާޒިމް މިހާރުވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް ތާއިދުކުރާ އެމްޑީޕީގެ މެންބަރުން އިސްކޮށް ތިބެ އުފެއްދި ޕާޓީއެކެވެ. އެ ޕާޓީ އުފެދިފައިވަނީ ކުރީގެ ރައީސް ސާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހުއެވެ.
ޑިމޮކްރެޓްސްއާއި އެމްޑީޕީ އެކުގައި މަސައްކަތް ކުރަން ނަޝީދު ގޮވާލެއްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ އެކުގައި މަސައްކަތް ކުރުމަށް މީގެ ކުރިން ދައުވަތު ދެއްވާފައެވެ.