ޚަބަރު ރާއްޖެ

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" ގެ ނަމުގައި އިދާރާއެއް އުފައްދަވައިފިއެވެ.

 

މިއީ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އަދި އެކަން އިއުލާން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 7/2025 ދެންނެވުމުގައެވެ.

 

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހްގީގުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސްއަށް ފެނިވަޑައިގަންނަވާތީ ކަމުގައި މި ދެންނެވުމުގައިވެއެވެ.

 

މި ބޯޑުން ކުރިއަށް ގެންދަވާނެ މައިގަނޑު މަސައްކަތްތައް މި ދެންނެވުމުގައި ވަނީ ބަޔާންކުރައްވާފައެވެ.

 

ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީތަކުގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 501 ކަމުގައި ވެސް ވަނީ ކަނޑައަޅުއްވާފައެވެ.

 

މި މަހުގެ 8 ވަނަ ދުވަހު އުފެއްދެވި މި އިދާރާ އަކީ ޓްރާންސްޕޯޓު މިނިސްޓްރީގެދަށުން ހިންގަވާތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

 

 


  • ޓްރާންސްޕޯޓު މިނިސްޓްރީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް