ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގައި 4 ކެފޭއަކުން 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މިއީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ފާހަގަ މީހުން ކަމަށެވެ. އަދި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލެ ފޭސް 1 އަދި 2 ގައި ހިމެނޭ 4 ކެފޭއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު މިހާރުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ހާމަކުރައްވައެވެ.
ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެންދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.
މިފަދަ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ގާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައެވެ.