އިދާރީ ދާއިރާތައް ހިންގުމާއި، ވިލަރެސް ކުރުމާއި، ބެލެހެއްޓުން ހަރުދަނާ ކުރުމާބެހޭ މަސައްކަތު ބައްދަލުވުމުގެ ނަމުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
ލޯކަލް ގަވަރމެންޓް މިނިސްޓްރީން ބޭއްވި މި ބައްދަލުވުމުގެ މަގްސަދަކީ ސިޓީތަކާއި، އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ ހިންގުން ހަރުދަނާކުރުމަށް، ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރުމެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކައިގާ މިނިސްޓްރީގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރި ކުރުވައި، ރަށްވެހި ތަރައްގީ ގެނުވައިދީ، ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުން ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި، އިތުބާރުކުރެވޭ ވުޒާރާއަކަށް ސިޓީތަކާ ބެހޭ ވުޒާރާ ވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރ އިތުރަށް ވިދާޅުވީ ސިޓީތަކާ ބެހޭ ވުޒާރާގެ އަމާޒުތައް ހާސިލްކުރުމަށް ހަތަރު ސިޔާސަތެއް ގެންގުޅުއްވާ ކަމަށެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ރަށްވެހި ހިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި، ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގާ ޖަވާބުދާރީވަނިވި ތަންތަނަށް ހެދުމުގެ އިތުރުން އެލްޖީއޭއާއި، ކައުންސިލްތަކާއި، ސަރުކާރާ ގުޅުވާލަދިނުމުގެ މަސައްކަތް ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގައި މިނިސްޓްރީގެ ލޯކަލް ގަވަމަންޓް ޑިޕާޓްމެންޓްގެ މުވައްޒަފުންނާއި، ޕްލޭނިންގ ޑިޕާޓްމެންޓްގެ މުވައްޒަފުންނާއި، ސީނިއަރ މެނޭޖްމެންޓާއި، މިޑްލް މެނޭޖްމެންޓްގެ މުވައްޒަފުންނާއި މީޑިއާ ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުން ބައިވެރިވެލެއްވިއެވެ.