ޚަބަރު ރާއްޖެ

އުލިގަމުގައި އަޅާ އިމިގްރޭޝަން އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ އައު އިމާރާތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

 

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން އެރަށަށް ވަޑައިގެން ބޭއްވެވި މި ބައްދަލުވުމުގައި ވަނީ އެރަށުގައި އިމިގްރޭޝަން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާތީ އެ މަސައްކަތާ ގުޅޭގޮތުންނާއި ހިދުމަތްތައް ލުއިފަސޭހަކަމާއެކު ހއ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

 

އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް އެމްޓީސީސީއާއެކު ސޮއިކޮށްފައިވަނީ މާރޗް މަހުގެ 27 ވަނަ ދުވަހުގައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ކުރިއަށްގެންދާ މަޝްރޫއެކެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތާއި ގުޅިގެން، ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށާއި އެރަށުގައި އިމިގްރޭޝަން ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

 

މިހާރު އުލިގަމުގައި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ހިދުމަތްތަކެވެ. ނަމަވެސް، މި އައު އިމާރާތް ގާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްގީވެގެންދާނެއެވެ.

 

އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަޞީހްއެެވެ.

 

 

 


  • އިމިގްރޭޝަން
  • ކޮމެންޓް