ޚަބަރު ރާއްޖެ

އުކުޅަހުގައި ރަށްވެހީންގެ ސައްލާ ފަށައިފި

ރަށްވެހީންގެ ސައްލާގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް އއ. އުކުޅަހުގައި ފަށައިފިއެވެ.

 

އެރަށު ކޮންވެންސަން ސެންޓަރގައި ކުރިއަށްދާ މި ބައްދަލުވުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމެކެވެ.

 

މި ބައްދަލުވުން ފައްޓަވައި ދެއްވީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.

 

މި ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.

 

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރާއެކު ކުރިއަށް ގެންދާ ނެޓްވާރކިންގ ބައްދަލުވުން ރޭ ބާއްވާފައިވާއިރު، މި މަޝްވަރާ ބައްދަލުވުމުގައި ޕަބްލިކް ޕަރޓިސިޕޭޝަން، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

 

މީގެއިތުރުން ކައުންސިލްތަކުން ހިންގާ ޙަހަރަކާތްތަކުގައި މުޖުތަމައުގައި އެކަހެރިކުރެވިފައިވާ ފަރާތްތައްބައިވެރިކުރުވުމާއި އިފެކްޓިވް ކޮމިޔުނިކޭޝަނާއި ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓާއި ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުން ވެސް ހިމެނެއެވެ.

 

ހަމަމިއާއެކު ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

 

މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި މެންބަރުންނާއި އެސްޖީންނާއެކު 55 ބޭފުޅަކު ބައިވެރިވެލައްވައެވެ.

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް