މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 47.6 އިންސައްތަ އިތުރު އަދަދެކެވެ. ފައިބެއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.5 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ އަދަދަކީ ރާއްޖޭގެ ތާރީހުގައި ވެސް އެއް އަހަރެއްގެތެރޭ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު އަދަދަށްވާއިރު، އެއީ 101.9 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 90.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު، 12.9 އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު މުދަލު ޒަކާތުގެގޮތުގައި 23.5 މިލިޔަން ރުފިޔާ ލިބުނުއިރު، އެއީ މިދިޔަ އަހަރުގެ މާރިޗު މަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 14.1 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 66.6 އިންސައްތައިގެ އިތުރުވުމެކެވެ.
މުދަލުޒަކާތުގެ ނިޞާބަކީ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.
ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ މޯޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. ނިޞާބު ކަނޑައެޅުމަށްފަހު ރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިއުލާން ކުރެއެވެ. އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ.