ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރަށްވެހީންގެ ސައްލާގެ ނަމުގައި މިއަދު ފެށި މަޝްވަރާ ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އއ. އުކުޅަހު ކޮންވެންސަން ސެންޓަރގައި ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަގާފަތެއް އުފެެއްދުމަށް ރައީސް ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ.
"އެހެންކަމުން ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ."
މީގެއިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވާހަކަ ދެއްކިއަސް، ރައްޔިތުން ބަލައިގަންނަ ފަދަ ނިޒާމަކަށް ލާމަރުކަޒީ ނިޒާމު ވެފައި ވަނީ ސަރުކާރާއި، ކައުންސިލްތަކުން ކުރެވުނު މަސައްކަތްތަކުގައި ހަރުދަނާ އަދި އޮއްޓަރު ހުރި ކަންތައްތަކެއް ކުރެވިގެން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާ ބައްދަލުވުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްލަ 55 ބައިވެރިންނާއެކު ކުރިއަށްދާ މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީން ބައިވެރިވެއެވެ.