ތުރުކީގެ ހިލޭ އެހީގެދަށުން ދިވެހި އަސްކަރިއްޔާ އަށް ޒަަމާނީ މަނަވަރެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފް އިން ނެރުއްވި ބަޔާނެއްގައި ވަނީ ތުރުކީ ވިލާތުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސް މަނަވަރެއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އުޅަނދު ރާއްޖެއަށް ގެނެސް ގައުމީ ދިފާއީ ބާރުގެ ހިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެގޮތުން ތުރުކީގައި ދިވެހި ސިފައިން ތަމްރީނުވަމުން އަންނަކަމަށެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުުރުމުގެ ގާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށްމުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ތުރުކީގެ ނޫސް އެޖެންސީއެއް ކަމުގައިވާ އަނަދޯލު އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއާ އެކު އެގައުމުން ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރަނީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ. އެ މިސައިލް ބޯޓްތަކަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރެވެ.