އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިމަހުގެ ތެރޭގައި ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ތައްޔާރުވެއްޖެއެވެ.
އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަން ނިންމާފައި ވަނީ މ. މުލީ، ށ. ފުނަދޫ، މިލަންދޫ އަދި ނ. ވެލިދޫގައެވެ. 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މިހާރުވެސް ދަނީ ދެމުންނެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.
ރައްޔިތުންނާ ގާތުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރުވަނީ ޤާއިމުކޮށްފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ޑީއެންއާރުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.