ޚަބަރު ރާއްޖެ

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިއުލާން ކުރަނީ

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިއުލާންކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު ވިދާޅުވީ މި ސްކޮލަރޝިޕްގެ ތެރެއިން އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރސް ޑިގްރީއާއި ޕީއެޗްޑީގެ ގިނަ ފުރުސަތު ހުޅުވައިލެވޭނެ ކަމަަށެވެ. އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން މި ގައުމުގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުސަތުތަކަށް ފަންޑުކުރެވިގެންދާނެ ކަމަށާއި ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެއް ކަމުގައި ވެސް ވިދާޅުވިއެވެ.

 

މިނިސްޓަރު އިތުރަށް ވިދާޅުވީ ކީރިތި ގުރްއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށާއި މިކަންކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމުގައެެ.

 

މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ދަނީ ހޭދަކުރަމުންކަން ފާހަގަކުރެއްވިއެވެ.

 

މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަންކަމުގެ އިތުރުން މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީ ދިނުމަށް ވެސް ނިންމާފައިވާކަމަށެވެ.

 


  • ޒަކާތު ހައުސް
  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް