ޚަބަރު ރާއްޖެ

ވީއައިއޭގެ ތަރައްގީ އަށް ސައުދީން ފަނޑުން އިތުރު 287 މިލިއަން ރުފިޔާގެ އެހީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ތަރައްގީގެ މަޝްރޫއަށް ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

ދިވެހި ސަރުކާރާއި ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓާއި ދެމެދު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ލޯނު އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މުރުޝިދުއެވެ.



ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ އިތުރު މާލީ އެހީގެ ސަބަބުން މި މަޝްރޫއު އަވަސް ސްޕީޑެއްގައި ނިމުމަށް އެހީތެރި ވެގެން ދާނެކަމަށެވެ. އަދި މި މަޝްރޫއު ނިމުމާއެކު، ރާއްޖެއަށް އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ވެސް ލިބިގެންދާނެކަމަށެވެ.



އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއަރލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ ގުޅުންހުރި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެކަން ވަނީ ހާމަކުރައްވާފައެވެ. އަދި މިއީ ގައުމީ އުފެއްދުންތެރިކަމުގެ މައިގަނޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

 

ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި ސިއްހަތާއި ބޯހިޔާވަހިކަމާއި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށްދީފައެވެ. ހާއްސަކޮށް 2024 ވަނަ އަހަރުގެ މޭ މަހު، ސަޢުދީ ފަންޑުން ވަނީ މުހިންމު ދެ މަޝްރޫއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ.

 

އޭގެ ތެރެއިން 100  މިލިއަން ޑޮލަރު ވީއައިއޭ ތަރައްގީކުރުމަށް ދޫކޮށްފައިވާއިރު، މިއީ ފަތުރުވެރިކަމާއި އިގްތިސާދީ ކުރިއެރުން އިތުރުކުރުމުގެ މަގްސަދުގައި ދޫކޮށްފައިވާ ލޯނެކެވެ. އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ސިއްހީ ދާއިރާ ތަރައްގީކުރުމަށެވެ.

 


  • ފިނޭންސް
  • ސައުދީ އަރަބިއާ
  • ވީއައިއޭ
  • ކޮމެންޓް