ޚަބަރު ރާއްޖެ

މޮރޮކޯގައި ބާއްވާ ބައިނަލްއަގްވާމީ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު

މޮރޮކޯގައި ބާއްވާ ބައިނަލްއަގްވާމީ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 

ރާއްޖޭގެ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ވިދާޅުވީ މިއީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ވެސް ދައުވަތު ލިބިފައިވާ ކަމަށެވެ.

 

މި މުބާރާތުގެ ދެ ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން އެއްފުރުސަތު ލިބިފައިވާއިރު، ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުމާއި ދިވެހި ރައްޔިތަކަށްވުމާއި ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމެވެ. އަދި ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުމެވެ.

 

މިއީ ދެ ޖިންސަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަަށާއި މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުން އިމްތިހާނު ކުރުމަށްފަހުގައިކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ. އަދި އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަހްރޫމުވެފައިވާ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށް ވެސް ވިދާޅުވެއެވެ.

 

މިި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ، ވަނަވަރު (ސީވީ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ، ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ، ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު) 21 އެޕްރީލް ވާ ހޯމަދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުމަށް ވަނީ އެދިައްވާފައެވެ. އަދި އީމެއިލް ކުރާނަމަ [email protected] އަށް އީމެއިލް ކުރުމަށް އެދިލައްވައެވެ.

 

 


  • ކީރިތި ޤުރްއާން
  • ކޮމެންޓް