ޚަބަރު ރާއްޖެ

ވަގުތީ ޖަލެއް އެޅުމަށް ބިމެއް ހަމަޖެހިއްޖެ

ހުޅުމާލެ ޖަލު

ވަގުތީ ގޮތުން ޖަލެއް އެޅުމަށް ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިން ކަރެކްޝަންސް އަށް ދޫކުރުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

 

'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ސެންޓްރަލް ޖަލު އަޅާނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭޖަލާއި އިންވެގެންއޮތް ބިން ކަރެކްޝަނަލް ސަރވިސްގެ ބޭނުމަށް ބޭނުންކުރަމުން ދިއުމަށް މަޝްވަރާކުރެވި، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

 

އެގޮތުން މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އަދި ކަރެކްޝަނަލް ސަރވިސް އާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސްގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަކުރުމާއި އެކު ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށް ވެސް ވިދާޅުވިއެވެ.

 

ހޯމް މިނިސްޓަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައި ތަރައްގީކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް ތިން އަހަރުވަރު ނަގާނެކަމަށެވެ. އަދި މިއިމާރާތަކީ ޕްރީ ފެބްރިކޭޓްކޮށް ހަދާ ތަނެއްކަމުން 8 މަސް ދުވަހުގެ ތެރޭގައި މިތަނުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

ގައިދީއެއްގެ ބޮލަކަށް މިހާރުޖެހޭ 27000 ރުފިޔާ ގާތްގަނޑަކަށް17000  ރުފިޔާއަށް ކުޑަކުރެވޭނެކަމަށް ސަރުކާރުން ވަނީ އަންދާޒާކުރައްވާފައެވެ. އަދި ސެންޓްރަލް ޖަލުން ބައިނަލްއަގްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިލިޓޭޝަން ފަރުވާ ދެވޭނެކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

 

 


  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)
  • ހޯމް މިނިސްޓްރީ
  • އެޗްޑީސީ
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް