ޚަބަރު ރާއްޖެ

ސައުދީން ރާއްޖެއަށް 25،000 މުޞްޙަފު ހަދިޔާކޮށްފި

ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުޞްޙަފު، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީ އަށް ހަދިޔާކޮށްފިއެވެ.

 

މި މުޞްހަފު ހަވާލުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ސަޢޫދީ އެމްބަސީއާ ގުޅިގެން އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މުސްޙަފްތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ އެވެ. މިނިސްޓްރީގެ ފަރާތުން މުސްޙަފްތަކާއި ހަވާލުވެލެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

 

އެގޮތުން ފުރަތަމަ ޝިޕްމެންޓުގައި 25،000 މުޞްޙަފު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ފޮނުއްވާފައެވެ.

 

މިނިސްޓްރީން ވަނީ ރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެމަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާނަށް ޝުކުރުއަދާކުރައްވާފައެވެ.

 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.

 

މިއަދު ސަޢުދީ ސަރުކާރުން ހަދިޔާ ކުރެއްވި 25،000 މުސްޙަފަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުން ކުރެވިގެންދާނެ މުސްޙަފްތަކެކެވެ. މިއީ މި ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ދައްކުވައިދޭ ކަމެކެވެ.

 


  • ޑރ. ޝަހީމް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް