މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ އެ ކައުންސިލާއި ސްޓްރޯންގ ސިޓީސް ސައުތު އޭޝިއާ ރީޖަނަލް ހަބާއި އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން މާލެ ސިޓީގެ ރައްޔިތުންނަށް މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނު ހޯދުމަށް ތަފާތު ހަ ދާއިރާ އަކުން ހުޅުވާލި ފުރުސަތުތަކެކެވެ.
އޭޕްރިލް 15 ވަނަ ދުވަހު ހުޅުވައިލައިފައިވާ މި ފުރުސަތު ތަކުގެ ތެރޭގައި ސިއްހީ ދާއިރާއާއި، އިމާރާތް ކުރުމާއި، އިންޖިނިއަރިންގ ދާއިރާ ހިމެނެއެވެ. އަދި ތައުލީމީ ދާއިރާއާއި އައިޓީ އަދި ޑިޖިޓަލް ދާއިރާ ވެސް ހިމެނެއެވެ.
މީގެއިތުރުން ވެސް ވިޔަފާރީގެ ދާއިރާއާއި ހޮސްޕިޓަލިޓީ އަދި ކަސްޓަމަރ ކެއަރ އާއި ދަނޑުވެރިކަމުގެ ދާއިރާއިން ފުރުސަތު ހުޅުވާލާފައިވެއެވެ.
ތިން މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްތައް އޮންނާނީ ޕާކިސްތާނުގައެވެ. މި ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކަށް، މާލެއިން ޕާކިސްތާނަށް ދިއުމުގެ ދަތުރު ހަރާދާއި، ހުރުމާއި ކެއުން އަދި ކޯސް ފީ ލިބޭނެއެވެ.
މި ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި އޯލެވެލް ނަތީޖާއާއި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއު އިން ލިބޭ ނަތީޖާއަށް ބެލެވޭނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 20 ވަނަ ދުވަހެވެ.