ޗެއަރމަންގެ ބާބު ނިމުނަސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް) ގެ ކުރީގެ ޗެއަރޕާރސަން އާމިނަތު ޝާއިނާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝާއިނާ މިފަދައިން ވިދާޅުވީ އެސްއޯ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި އައު ހިންގާ ކޮމެޓީއާއި މެމްބަރުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
" މިއަދަކީ އަޅުގަނޑުގެ މުޅި ޙަޔާތުގެވެސް ވަރަށް މުހިއްމު އަދި ދުވަހަކުވެސް ހަނދާނުންފިލައިގެން ނުދާނޭ، އަގުހުރި މުހިއްމު މަސައްކަތެއްގައި އަޅުގަނޑު ޝާމިލުވި ހައިސިއްޔަތާއި އަދާކުރަމުންދިޔަ ދައުރު ނިމުމަކަށް އަންނަ ދުވަސް."
ޝާއިނާ ވިދާޅުވީ ދައުރު ނިމުނު ކަމުގައި ވިޔަސް މި މަސައްކަތުން ދަސްކޮށްދިން ފިލާވަޅުތަކާއި މަސައްކަތާ ގުޅިފައިވާ އިހްސާސަތަކާއި އެ ތަޖުރިބާތަކުން ނަފުސާއި ހަޔާތަށް ކޮށްފައިވާ ހެޔޮ އަސަރުތައް މުޅި އުމުރަށް ވެސް ދެމިހުންނާނެ ކަމަށެވެ. އަދި ކުރިމަގުގެ ދިރުއުޅުން ވެސް އެކަންކަމުގެ މައްޗަށް ބައްޓަން ވެގެންދާނޭ އަގުހުރި މަސައްކަތެއްގެ ފުން އިހްސާސްތަކެއް ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއަރޕަރސަންގެ ބާބު ނިމުމަކަށް އަޔަސް، މި މަސައްކަތުން ހިތުގައި ހުޅުވިގެންދިޔަ ދޮރުތައް ހުންނާނީ އަބަދުވެސް ހުޅުވިފައި ކަމުގައި ވިދާޅުވިއެވެ. އަދި އުފެދިފައިވާ ލޯތްބާއި އޮންނަ ގަދަރު ދުވަހަކުވެސް ފަނޑުނުވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
ޝާއިނާ ވަނީ 2021 ވަނަ އަހަރު އެ އޯގަނައިޒޭޝަންގެ ފުރަތަމަ ޗެއަރޕަރސަންކަމަށް އިންތިހާބުވުމާއި ހަމައިން މިއަދާހަމައަށް ކުރި ދަތުރަކީ ލިބިގެންދިޔަ ވަރަށްބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެކަމަނާ އަކީ އެތްލީޓަކަށްވުމުގެ އިތުރަށް، އިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރާ އަދި އިޖްތިމާއީ ހަމަހަމަކަމާއި ފަރުދުންނާއި ޖަމާއަތުގެ ފެންވަރުގައި ހުންނަ ތަފާތުތައް ކުޑަކުރުމަށް ވަކާލާތުކުރާ، ތަފާތު ސަބަބުތަކާގުޅިގެން ފުރުސަތުތައް ހަނިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ލޯބިކުރާ އަދި އެފަދަ ކަންކަމުގައި ޢަމަލީގޮތުން އުޅުއްވާ ވެސް ފަރާތެކެވެ.