މަޖީދިއްޔާ ސްކޫލަކީ މިގައުމުގެ އެންމެ ޝަރަފްވެރި އިލްމީ ބަގީޗާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ ސްކޫލުގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގުކަމަށެވެ.
މީގެއިތުރުން އެ ސްކޫލުގެ ދިގު ތާރީހަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި އެ ސްކޫލުގެ ހަނދާންތައް ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ޒިކުރާތަކާއެކު ކަމަށް ވެސް ވިދާޅުވިއެވެ.
އެ ޕޯސްޓުގައި މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުމުގެ މުނާސަބަތުގައި، ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، ހިންގުންތެރީންނަށް އަދި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، މަޖީދިއްޔާ ސްކޫލުގެ ލަވައިގެ ބައިތުތަކަކުންނެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމު ފެށުނީ 1927 ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހުއެވެ. އެއީ މަދަރުސަތުއްސަނިއްޔާއާ އެކުގައެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްދުއްދީން 3 ގެ އިސްނެންގެވުމާއެކުގައެވެ.
މިހާރުގެގޮތުން ނަމަ މަޖީދިއްޔާ ސްކޫލުގައި އޭރު ކިޔަވައިދިނީ ހަމައެކަނި ފިރިހެން ކުދިންނަށވެ. ނަމަވެސް 2011 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި އަންނަނީ ދެ ޖިްނސުގެ ދަރިވަރުންނަށް ކިޔަވައިދެމުންނެވެ.