ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އިސްކަންދެނީ ދައުލަތުގެ ތިޖޫރީ ހުސްކުރަން ކަމުގައި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޢުމަރު ވިދާޅުވީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމު ވަނީ ފެއިލްވެފައި ކަމަށާއި ސިޔާސީ ޕާޓީތަކަކީ ގައުމުގެ ކުރިމަގަށް އެޅޭ ހުރަކަށްވެފައިވާ ކަމަށެވެ.
މީގެއިތުރުން ފާއިތުވި 20 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، ސިޔާސީ ޕާޓީތަކުގެ ސަބަބުން ރާއްޖެއަށް ލިބުނު ފައިދާ އަށްވުރެ ބޮޑަށް ލިބުނީ ގެއްލުން ކަމަށް ވެސް ވިދާޅުވިއެވެ.
" އެންމެ ސިޔާސީ ޕާޓީއަކުން ވެސް ރައްޔިތުންނަށްވާ ވައުދުތަކުގެ މަތީގައި ދެމިނުތިބޭކަން މިހާރު އެނގޭ. މުޅި ގައުމު މިއޮންނަނީ ފަހަތަށް ސޮއްސާލާފަ."
ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާފައިވާ އުމަރު ވަނީ ސިޔާސީ ޕާޓީތަކަށް ދިވެހީން ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ޕާޓީތަކުން ރާއްޖެއަށްވީ އިހުމާލުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ވަރުގަދަ ލީޑަރެއް މި ގައުމަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ ރައްޔިތުން އިސްކަން ކުރަންވީ ޕާޓީގެ ބަދަލުގައި ގާބިލް މީހާއަށް ކަމަށެވެ.
2008 ވަނަ އަހަރު ބޭއްވި ރާއްޖޭގެ ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގައި ވެސް ޢުމަރު ވަނީ ވާދަކުރައްވާފައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވަނީ ވާދަކުރައްވާފައެވެ.