ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސޯޝަލް މިނިސްޓްރީން ފެނަކަ އަދި އެމްޓީސީސީ އާއެކު މަޝްވަރާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްގު ލިއްބައިދިނުމަށްޓަކައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ހައްގު ކަށަވަރުކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން އެ މިނިސްޓްރީން ކުރިއަށްގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ އާއިލާތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މިނިސްޓްރީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ އާއިލާތަކުގެ ހާލަތު ރަނގަޅުކޮށް އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރެވޭ މަސައްކަތްތައް ގުޅިގެން ކުރުމަށް އެ ދެ ކުންފުނިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ދީފައިވާ ކަމަށެވެ.
މިއީ ހާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަގީންކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން އެމިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.