މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އަނެއްކާ ވެސް ބަދަލު އަތުވެއްޖެއެވެ.
ރާއްޖޭގެ ޒަކާތު ހައުސް އިން ވިދާޅުވީ ރިހީގެ ގްރާމަކަށް 15.57 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ 9،264.15 ރުފިޔާއަކީ ޒަކާތް ނެރުން މިހާރުވާޖިބުވާ ނިސާބު ކަމަށެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވަމުން ދެއެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 8800.05 ރުފިޔާއެވެ. އެ ބަދަލުގެ ކުރިން ފައިބެއަހަރުގެ ތެރޭގައި ތިން ފަހަރަކު ނިސާބަށް ބަދަލު ގެނެސްފައިވެ އެވެ. އެއީ އޮކްޓޫބަރު މަހު 9240.35 ރުފިޔާ، މެއި 9،353.40 ރުފިޔާ އަދި ޖެނުއަރީ މަހު 7،140 ރުފިޔާއެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމްދީނުގެ ރުކުނެކެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.